އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީތަކަށް ބަދަލުކުރުމަށް ރީފައިނޭންސިން އޯޕަން ޑޭ އެއް ބާއްވަން ހަމަޖެހިއްޖެ އެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގަ އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނި ގޮތުގައި ރީފައިނޭންސިން އޯޕަން ޑޭގެ މަގުސަދަކީ، އެސްއެމްއީ ޑިޖިޓަލްގެ ކަސްޓަމަރުންނަށް މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީތަކަށް އެއް ދުވަހުން ބަދަލުކުރުމެވެ.
ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ލިބޭނެ ފައިދާތައް
- އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުން.
- ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުން.
- މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން.
މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް ހަ މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލް އިން އިތުރު ފައިނޭންސިން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލް އަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
އެސްއެމްއީ ޑިޖިޓަލް އިން މީގެ ކުރިން ބޭއްވި ދެ އޯޕަންޑޭއަކީ ވެސް ކާމިޔާބުކަމާއިއެކު ކުރިއަށް އޯޕަންޑޭ ތަކެކެވެ. އެ ގޮތުން ގިނަ ކަސްޓަމަރުންތަކެއް އޯޕަން ޑޭގައި ބައިވެރިވެ ފެސިލިޓީތައް ބަދަލުކުރުމަށް އެހީތެރިކަން ހޯދާފައިވެ އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނި ގޮތުގައި އަމާޒަކީ ފުރިހަމަ އިސްލާމީ ފައިނޭންސް ފޯރުކޮށްދޭ މުއައްސަސާއަކަށް ބަދަލުވުމެވެ.
މި ލަނޑުދަނޑި ހާސިލުކުރުމަށް މުވައްޒަފުން ރީފައިނޭންސިން އޯޕަން ޑޭގައި ބުރަކޮށް ހަރަކާތްތެރިވަމުންދާކަން ފާހަގަކޮށް އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި އިވެންޓްތަކުގެ ކާމިޔާބީއަކީ ކަސްޓަމަރުން ދެމުންދާ އެއްބާރުލުން ކަމަށާއި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޕޯޓްފޯލިއޯގެ ބޮޑު ބައެއް ބަދަލުކޮށް ނިންމާލުން ކަމަށެވެ.




