ހޫތީން މައްކާއަށް ދޭން އުޅުނު ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

މުސްލިމުންގެ ޤިބުލަ ކަމަށް ދެކޭ ހަރަމްފުޅު ހުންނަ ސައުދި އަރަބިއްޔާގެ މައްކާއަށް ޔަމަންގެ ހަނގުރާމަވެރި ހޫތީ ޖަމާއަތުން ދޭން އުޅުނު ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.

ހޫތީން ދިން ޑްރޯން ހަމަލާ ސައުދީގެ ސިފައިން ނާކާމިޔާބުކޮށްލީ މައްކާގައި ގާއިމުކޮށްފައި ހުރި މިސައިލުން ދިފާއުވާ ނިޒާމު ބޭނުންކޮށްގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިސްލާމްދީނުގެ އެންމެ މުގައްދަސް ރަށުގެ ރައްކާތެރިކަމާއި ހުރުމަތަށް ނުރައްކާވާ ގޮތަށް ހަމަލާދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެއީ މުޅި އިސްލާމީ އުންމަތަށް ކުރެވޭ ފުރައްސާރައެކެވެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ އޮތީ ސައުދީ އަރަބިއްޔާގެ ރަސްކަމަށް ފުރިހަމައަށް އެއްބާރުލުން ދީގެން ކަމަށެވެ. މައްކާއާއި، އެތަނުގައި އަޅުކަން ކުރާ މީހުންނާއި، މައްކާގެ ރަށްވެހިން ރައްކާތެރިކުރުމުގައި ސައުދީގެ ސަލާމަތީ ބާރުތަކުން ދެއްކި ހުށިޔާރުކަން ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ވަނީ މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށްވެސް ގޮވާލައްވާފަ އެވެ. އަދި މަސްރަހު އިތުރަށް ގޯސްކުރުމުގެ ބަދަލުގައި ސުލްހަ އާއި މަޝްވަރާގެ މަގު އިހްތިޔާރުކުރުމަށް ގުޅުންހުރި ހުރިހާ ފަރާތްތަކަކަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *