ވޯލްޑް ބޭންކުގެ ސަރަހައްދީ ނައިބް ރައީސް، ރައީސް މުއިއްޒުގެ އަރިހަށް

ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބް ރައީސް ޔޮހާނަސް ޒުޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޯލްޑް ބޭންކުން ރާއްޖެއަށް މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފަ އެވެ. އަދި ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި ހަކަތައިގެ ދާއިރާ ހަރުދަނާކުރުން ހިމެނޭހެން، ސަރުކާރުން އިސްކަންދެއްވާ ތަރައްގީގެ މުހިއްމު ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. މީގެއިތުރުން އެ ކަންކަން ކުރިއެރުވުމަށާއި، ރާއްޖޭގެ ތަރައްގީގެ ފުޅާ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ދެފަރާތުގެ ދެމެހެއްޓެނިވި ގުޅުމުގެ މުހިއްމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ބޭރުން އެތެރެކުރާ ފޮސިލް ފިއުލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ތެޔޮ އެތެރެކުރުމަށް ހިނގާ ހަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މި ބައްދަލުކުރެއްވުމުގެ މަޝްވަރާތަކުގައި ހާއްސ ސަމާލުކަމެއް ދެއްވި އެވެ. އެގޮތުން އަތްފޯރާ އަގެއްގައި އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތަކެއް ހޯދުމުގެ މުހިއްމުކަމާއި، މި ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވި އެވެ.

މީގެއިތުރުން ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެ އެވެ. އަދި ހަރަދުތައް ކުޑަކުރަމުންދާއިރު، ތަރައްގީގެ މަސައްކަތްތަކަކީ ދެމެހެއްޓެނިވި އަދި ގައުމުގެ ދުރު ރާސްތާގެ ބޭނުންތަކަށް ރިއާޔަތްކުރެވިގެން ހިންގޭ މަޝްރޫއުތަކަކަށް ހެދުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިވާ ތަރައްގީގެ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި އެވެ. އަދި މިފަދަ މަސައްކަތްތައް ފުރިހަމަކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިއްމު ވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގެ ސަރަހައްދީ ނައިބް ރައީސް ޒުޓް ވަނީ އެ ބޭންކަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން ރާއްޖެއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބޭރުން ތެޔޮ އެތެރެކުރުމަށް ބަރޯސާވާ މިންވަރާއި، އެކަމާ ގުޅިގެން ކުރިމަތިވާ ނާޒުކު ހާލަތްތައް ކުޑަކުރުމަށްޓަކައި، އިއާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *