ޕީއެންސީ ފިކުރުގެ މައްޗަށް ގާއިމުވެފައި އޮންނަ ސަރުކާރެއް އޮތުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވެވި ފަހުން ޕީއެންސީއާ ގުޅޭގޮތުން ޣައްސާން ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެރިކަން ކުރާ ޕީއެންސީއާ ގުޅޭގޮތުން ޣައްސާން ވާހަކަދައްކަވާފައި މިވަނީ އެ ޕާޓީގެ ކޮންގްރެސް ފެށިގެން ކުރިއަށް ދަނިކޮށެވެ. އެހެންވެ އޭނާގެ ޕޯސްޓްގައި ވަނީ ޕީއެންސީގެ މަގާމުތަކަށް ކުރިމަތިލެއްވި އެންމެހާ ބޭފުޅުންނަށް މަރުހަބާ ދަންނަވައި، ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.
ޣައްސާން ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީއެންސީން، ﷲގެ ތަނަވަސް ރަހްމަތުން ކާމިޔާބު ކުރީ ގިނަ ބައެއްގެ ބުރަ މަސައްކަތުން، ބިނާކުރި ޕީއެންސީ ފިކުރުގެ މެނިފެސްޓޯ އާއި ހުށަހެޅުމަށް ދިވެހި ރައްޔިތުން ކުރެއްވި އިތުބާރުން ކަމަށެވެ.
ދިވެހި ރައްޔިތުންގެ ހިދުމަތުގައި، ސަރުކާރު ހިންގުމުގައި ޕީއެންސީ ފިކުރު ގާއިމުވެ އޮތުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް ޣައްސާން ވިދާޅުވި އެވެ. އެކަން ކުރެވޭނީ ޕާޓީގެ ހަރުދަނާކަން ދަމަހައްޓައި، ހިދުމަތުގައި އިޚްލާސްތެރިވެގެން ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެންކަމުން، މަތީ މަޖިލީހުން ޕާޓީގެ މަގާމުތަކަށް 'ގާބިލު، މި ފިކުރަށް އިޚްލާސްތެރި' ބޭފުޅުން އިންތިހާބު ކުރެއްވުން ވަރަށް މުހިއްމު،" ޣައްސާން ވިދާޅުވި އެވެ.
ޕީއެންސީއާ ގުޅޭގޮތުން ޣައްސާން މިއަދު ވާހަކަދެއްކެވި ނަމަވެސް އަލުން ސިޔާސީ މައިދާން ނިކުމެ ހަރަކާތްތެރިވެ އުޅުއްވުމާަ ގުޅޭގޮތުން އޭނާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.




