ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ)ގެ ސެންޓްރަލް ކޮމިޓީގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓްގެ ދެކުނު އަދި އިރުދެކުނު އޭޝިއާގެ ކަންކަމާ ބެހޭ ބިއުރޯގެ ޑިރެކްޓާ ޖެނެރަލް ޕެންގް ޝިއުބިން އިސްވެވަޑައިގެން ހުންނެވި އެ ޕާޓީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި ވަފުދުގެ އިސްވެރިޔާ ޕެންގް ވަނީ ދެ ގައުމުން ހިފަހައްޓާ އެއްގޮތް އުސޫލުތަކާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްގުޅުމަކީ ރާއްޖެއާއި ޗައިނާގެ ގުޅުމުގެ މައިގަނޑު އަސާސްކަން ފާހަގަކުރައްވާފަ އެވެ.
ގައުމީ އިސްލާހީ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތު ކަމަށާއި، އެމަނިކުފާނުގެ ޒައާމަތުގައި ހާސިލްކުރައްވާފައިވާ ކާމިޔާބީތަކަށް ޕެންގް ވަނީ ތައުރީފް ކުރައްވާފަ އެވެ. އަދި އެއީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެޅިފައިވާ ވަރުގަދަ ބިންގަލެއްގެ ގޮތުގައި ޕެންގް ސިފަކުރެއްވި އެވެ.
އިގްތިސާދީ ދާއިރާއިން އެއްބާރުލުން ފުޅާކޮށް، ދެފަރާތަށް ލާބައާއި މަންފާ ލިބޭނެހެން އެކުގައި މަސައްކަތްކުރުމުގެ ތެރެއިން، މި ދޭދޭ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް އުއްމީދު ކުރައްވާ ކަމަށް ޕެންގް ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި މަތީ ފަންތީގެ ޒިޔާރަތްތައް ގިނަގިނައިން ބޭއްވެމުން ދިއުމަކީ، މި ބައިވެރިވުމުގެ ބަދަހިކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމުގައިވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޗައިނާއިން ރާއްޖެއާއެކު ބާއްވަމުން އަންނަ ޒަމާންވީ އެކުވެރި ގުޅުމަށާއި، ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ބޮޑެތި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ދެ ގައުމުގެ ދޭދޭ ގުޅުމަކީ ފުރިހަމަ އިސްތިރާޖީ ޕާޓްނަޝިޕެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ޗައިނާއިން މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލުންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.




