ވ. ފުލިދޫގައި ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގައި ނޭވާލާން އުނދަގޫވެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު 4:30 ހާއިރު ފުލިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ވޯޓާ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ މީހަކު ނޭވާލާން އުނދަގޫވާ ކަމަށް ބުނުމުން ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.
ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އިރުއޮއްސި 6:14 ހާއިރު އެ މީހާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
އެ ހާދިސާގައި ނިޔާވެފައިވަނީ ބ. ކުޑަރިކިލު، ރޮކެޓް، އައިޝަތު އާތިފާ (39 އ) އެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑުގެ މާލެ ގެނެސް މެޑިކަލް އެގްޒެމިނޭޝަންއެއް އައިޖީއެމްއެޗްގައި ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.




