އުލިގަމު ޔޮޓް މެރީނާ ތަރައްގީކޮށް، އޮޕަރޭޓްކުރާނެ ބަޔަކު ހޯދަނީ

ހއ. އުލިގަމު ޔޮޓް މެރީނާ ތަރައްގީކޮށް، އޮޕަރޭޓްކުރާނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާނުކޮށްފި އެވެ.

އެމްޕީއެލް އިން ވަނީ އުލިގަން ޔޮޓް މެރީނާ ތަރައްގީކޮށް ހިންގުމާއި، އެ ތަނުގެ ވިޔަފާރި ކުރިއެރުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ތަޖުރިބާކާރު މެރީނާ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނާއި ޑިވެލޮޕަރުންނަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މިއީ ވާދަވެރި ބިޑިން މަރުހަލާގެ ފުރަތަމަ މަރުހަލާކަން ފާހަގަކޮށް އެމްޕީއެލް އިން ބުނީ މި މަރުހަލާއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު ފޮނުވޭނެ ކަމަށެވެ.

އުލިގަމު ޔޮޓް މެރީނާއަކީ ރާއްޖޭގެ އުތުރުގައި ކަނޑުދަތުރުފަތުރުގެ ފަތުރުވެރިކަން ފުޅާކުރުމަށާއި އިގްތިސާދު ސިންދަފާތު ކުރުމަށް އެމްޕީއެލް އިން ގެންގުޅޭ ދުރުރާސްތާ ސްޓްރެޓަޖީގެ މުހިންމު ބައެކެވެ.

ރާއްޖެއަށް އެތެރެވާ އެންމެ އުތުރު ބޯޑަރުގައި އޮންނަ އުލިގަމަކީ، އިރުދެކުނު އޭޝިއާ، މެދުއިރުމަތި، އެފްރިކާ އަދި މެޑިޓަރޭނިއަން ސަރަހައްދު ގުޅުވައިދޭ އިންޑިއާ ކަނޑުގެ މައި ޔޮޓް ރޫޓުތަކުގައި ވަރަށް މުހިންމު ސަރަހައްދެއްގައި އޮތް ރަށެކެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދުތައް

  • އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓާއެކު ރާއްޖޭގެ އުތުރުގައި ފުރަތަމަ ފަހަރަށް ބޮޑު މެރީނާ މަންޒިލެއް ގާއިމުކުރުން.
  • މިހާރު ޒިޔާރަތްކުރާ ޔޮޓްތަކަށް ދެވޭ ހިދުމަތްތައް ހަރުދަނާކޮށް، ފުރިހަމަ މެރީނާ އިގްތިސާދަކަށް ބަދަލުކުރުން.
  • ފަތުރުވެރިކަމާއި ޒަމާނީ ދިރިއުޅުމުގެ ވަސީލަތްތައް ހިމެނޭ މެރީނާ މަންޒިލެއް ތަރައްގީކުރުން.
  • ދިގުމުއްދަތަކަށް ވިޔަފާރީގެ ގޮތުންނާއި ހިންގުމުގެ ގޮތުން ދެމެހެއްޓެނިވި މަޝްރޫއެއްކަން ކަށަވަރުކުރުން.

އެމްޕީއެލް އިން ބުނީ މެރީނާގެ މައިގަނޑު އިންފްރާސްޓްރަކްޗާގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މީގެ ތެރޭގައި ބްރޭކްވޯޓާ އައިލެންޑް އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި ކޮންކްރީޓް ޖެޓީ އަދި ފްލޯޓިން ޕޮންޓޫން ސިސްޓަމާއި އައިއެސްޕީއެސް މިންގަނޑަށް ފެތޭ ބައިނަލްއަގުވާމީ އެންޓްރީ ފެސިލިޓީއެއް ގާއިމުކުރުން ހިމެނެ އެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި އެ ކުންފުނިން ހޯދަނީ މެރީނާ ހިންގާ، ތަން ތަރައްގީކޮށް މާކެޓްކުރާނެ ބައެކެވެ.

މި ކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ބޭނުންވާ ބިން ކުއްޔަށް ހިފުމާ ގުޅޭގޮތުން އެމްޕީއެލް އާއި ހއ. އުލިގަން ކައުންސިލާ ދެމެދު ބިން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ އޮގަސްޓް މަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *