ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ވިޔަފާރި އަދި އިޖުތިމާއީ އެކި ހަރަކާތްތަކަށް މިހާރު ބޭނުންކުރަމުން އަންނަ ރުއްގަނޑު 2 ސަރަހައްދުގައި އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމަށް ހާއްސަކޮށް ޒަމާނީ ފެންވަރުގެ ބޯލިން އެރީނާއަކާއި ގޭމިން އާކޭޑެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަގުސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުމެވެ.
އެގޮތުން، މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 10 ލޭނުގެ ބޯލިން އެލީއަކާއި، ގޭމިން އާކޭޑެއްގެ އިތުރުން ޕާޓީތަކާއި އިޖުތިމާއީ ހަރަކާތްތަކަށް ބޭނުންކުރެވޭނެ މަލްޓި ޕާޕަސް ހޯލެއް ގާއިމުކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އެ ސަރަހައްދުގައި މަޑުކޮށްލައިގެން ކުޅިވަރު ބަލަން ތިބެވޭނެ ފަދަ ގޮތަކަށް އެތަން ތަރައްގީކުރާއިރު ލޮކަރު ރޫމަކާއި، އާންމު ފާހާނާ ބަރިއެއްގެ އިތުރުން، މޫދުން އައިސް ފެންވެރޭނެ އިންތިޒާމާއި ޕާކިން އޭރިއާއެއްވެސް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނެފައިވަނީ މި މަޝްރޫއު ކުރިއަށްގެންދަނީ، އެ ސަރަހައްދުގެ ތިމާވެއްޓާއި، އެ ސަރަހައްދުގެ އަތިރިމަތި އަދި އެތަނުގައި މިހާރު ހުރި ގަސްގަހާގެއްސަށާއި، މާހައުލަށް މާބޮޑު ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ނުކުރާނެފަދަ ގޮތަކަށް ތަން ޑިޒައިން ކޮށްގެންކަން ކަމަށެވެ.
ރުއްގަނޑު 2 ސަރަހައްދަށް މި ގެނެވޭ ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި، އާއިލާތަކަށާއި، ޒުވާނުންގެ އިތުރުން އެތަނަށް ޒިޔާރާތްކުރާ ފަތުރުވެރިން އަދި ރަށްރަށުން ޒިޔާރާތްކުރާ އެންމެންނަށްވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގައި ބައިވެރިވެވޭނެފަދަ އުފާވެރި އަމާން މާހައުލެއް ގާއިމުވެގެންދާނެ ކަމަށާއި މީގެ ސަބަބުން ހުޅުމާލޭގެ އިޖްތިމާއީ ގުޅުން ވަރުގަދަވެގެންދާނެކަން އެޗްޑީސީން ފާހަގަކުރެ އެވެ.
ހުޅުމާލެއަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެކި ބޭނުންތަކަށް ޒިޔާރާތްކުރާ ފަރާތްތަކަށްވެސް ހިތްފަސޭހަ، އަދި ރައްކާތެރި ވެއްޓަކަށް ހެދުމަށްޓަކައި އެޗްޑީސީން މެދުކެނޑުމެއްނެތި އަންނަނީ މަސައްކަތް ކުރަމުންނެވެ.




