ޕްރޮޕަޓީ ގަތަސް ބިމުގެ މިލްކުވެރިކަން ނުލިބޭނެ: މުއްތަލިބް

އަބޫދާބީގެ "އީގަލް ހިލްސް" އިން ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ 20 ބިލިއަން ޑޮލަރުގެ މަޝްރޫއުގައި ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް ބިމުގެ މިލްކުވެރިކަން ނުލިބޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީއެއް ކަމަށާއި އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށެވެ.

"އެ ޕްރޮޕަޓީއެއް ވިއްކާލާނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާނަމަ، ވާރުތަ ވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމަ،" މުއްތަލިބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ހުއްދަ ދޭނަމަ ހުއްދަ ދޭނީ އެކަމަށް ކަޑައެޅިފައިވާ ފީ ނެގުމަށްފަހު ކަމަށާއި އޮޓަމެޓިކުން ވާރުތަވާނެ ކަމަށް ބުނާ ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހާ އާއި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށާއި ވިސާ ދިނުމަކީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެއިދާރާއިން ކުރާކަމެއް ކަމަށެވެ.

އެހެންކަމުން ވިސާ ދޫކުރުމާއި، ކެންސަލްކުރުމުގެ ބާރު އޮންނާނީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އެ އިދާރާއަށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަބޫދާބީގެ "އީގަލް ހިލްސް" އިން ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މި މަޝްރޫއުގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓްތައް އަދި މަތީ ފަންތީގެ ބްރޭންޑަޑް ރެޒިޑެންސީ ހިމެނެ އެވެ.

ދުނިޔޭގެ ފެންވަރުގެ މެރީނާއެއްވެސް ހިމެނޭ މި މަޝްރޫއުގައި ވޯޓާފްރަންޓް ސަރަހައްދުތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ސެންޓަރުތައްވެސް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *