ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި މާލީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މޫޑީޒްއިން ތަޢުރީފްކޮށް ރޭޓިން މަތިކޮށްފި އެވެ.
އެގޮތުން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން "ސީއޭއޭ2″ އިން "ސީއޭއޭ1″ އަށް ވަނީ މަތިކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ކުރިއެރުމަކީ ކައިރި މުސްތަގުބަލެއްގައި ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުތަނުން ކުޑަވެފައިވާ ކަމަށް މޫޑީޒް އިން ކުރި އަންދާޒާގެ މައްޗަށް ބިނާވެފައިވާ ނިންމުމެކެވެ. މީގެ އިތުރުން، މި ބަދަލުތައް ގެނައުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ނަތީޖާ ރަނގަޅުކަން ވެސް އެ އިދާރާއިން ފާހަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މި ރޭޓިން މަތިކޮށްފައިވަނީ ދައުލަތުން އަދާކުރި ބޮޑެތި ދަރަނިތަކަކަށް ފަހުގަ އެވެ.
އެ ގޮތުން މި އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ހަލާސްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދެއްކުމުގެ އިތުރުން، މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ވަނީ ދައްކާފަ އެވެ.
މީގެ އިތުރުން 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑް އަނބުރާ ދެއްކުމުގެ މުއްދަތު 2031 އަށް އިތުރުކުރުމަކީ ވެސް ދަރަނި ދެއްކުމަށް އޮތް ތާށިކަން ކުޑަވެގެންދިޔަ ކަމެކެވެ.
މި އިލްތިޒާމްތައް ފުރިހަމަކުރުމަކީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގައި ސަރުކާރުން ހޯދި ބޮޑު ކާމިޔާބީއެކެވެ. ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާ އިތުރުކުރުމާއެކު، މި ފިޔަވަޅުތަކުގެ ސަބަބުން ކްރެޑިޓް ރޭޓިން ރަނގަޅުވުމަށް މަގުފަހިވި އެވެ.
ހަމައެއާއެކު، ރާއްޖޭގެ ބޭރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެ ގޮތުން 2024 ވަނަ އަހަރު ތައާރަފުކޮށް މި އަހަރު ފުޅާކުރި ބޭރު ފައިސާގެ ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ރާއްޖޭގެ ތަރައްގީގެ ބައިވެރިންގެ ފަރާތުން ވެސް މި މަސައްކަތްތަކަށް އެހީތެރިކަން ލިބިފައިވާކަން ފާހަގަކޮށް ފިނޭންސް މިނިސްޓްރީން ބުނީ ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރާއެކު، ޖުމްލަ 130 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ސަރުކާރުން ހޯދާފައިވާ ކަމަށެވެ.
ދައުލަތުގެ ދަރަނީގެ ހިސާބުތަކުންވެސް މި ކުރިއެރުން ފެންނަން އެބައޮތެވެ. އެގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 129.2 އިންސައްތައިގައި ހުރި ނަމަވެސް، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ނިސްބަތް ވަނީ 122.6 އިންސައްތައަށް ދަށްވެފަ އެވެ.
މިއީ ދަރަނި ދެއްކުމާއި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި ކާމިޔާބީތައް ހާސިލުކުރީ އިގުތިސާދީ ގޮންޖެހުންތަކުގެ ތެރޭގައިކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
އެ ގޮތުން މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގު އުފުލުނުއިރު މި ހާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދީ، ދައުލަތުގެ ހަރަދުތައް ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބޮޑެތި ދަރަނިތައް އަދާކުރުމާއި، މާލީ ރައްކާތެރިކަން ވަރުގަދަކުރުމުގެ ސަބަބުން ދަރަނި ނުދެއްކުމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށެވެ.




