ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ — މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ މިރޭ ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް ނެރެފަ އެވެ.
އޮރެންޖް އެލާޓް ނެރެފައިވަނީ މިރޭ 8:50 އިން މިރޭ 10:30 އަށް ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވާއިރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުން ދިއުމުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.




