ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް މިއަދާ ހަމައަށް 43 ޖަނެރޭޓަރު އަލަށް ގަނެވި އެކި ރަށްރަށުގައި އިންސްޓޯލް ކޮށްފައިވާކަމަށް ފެނަކަ ކޯޕަރެޝަނުން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، އެކުންފުނިން ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ގިނަ ރަށްރަށުގައި މިއަހަރު ފެށިއިރު ހުރީ ޖަނަރޭޓަރުތަކުގެ ޙާލަތު ރަނގަޅުކުރަންޖެހި ރަށްރަށުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާކަމަށެވެ. އަދި ވަރަށް ގިނަ ޖަނެރޭޓަންތަކެއް ހުރީ އޯވަރހޯލް ކުރަންޖެހިފަކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
ފެނަކައިން އިތުރަށް ވިދާޅުވީ، އައު މެނޭޖްމަންޓާއެކު ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ފެށިކަމަށާއި، ޖަނެރޭޓަރު ބޭނުންވާ ތަންތަނަށް ޖަނެރޭޓަރު ހޯދުމުގެ މަސައްކައި ވަރަށް އަވަހަށް ފަށާނެކަމަށާއި، މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރުގައި 20 ރަށަކަށް އައު ޖަނެރޭޓަރު ފޮނުވާފައިވާ ކަމަށެވެ. އަދި ޖަނެރޭޓަރު ފޮނުވުނު ރަށް ރަށުގައި ކަރަންޓު އުފެއްދުމަށް ހުރި އުނދަގޫތަށް ފިލުވާފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ.
ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މިއަދާ ހަމައަށް 43 ޖަނެރޭޓަރު އަލަށް ގަނެވި އެކި ރަށް ރަށުގައި އިންސްޓޯލް ކުރެވިއްޖެ.#TeamFenaka pic.twitter.com/XWdQEBzmuE
— Fenaka Corporation Ltd (@TeamFenaka) July 21, 2024
މިހާތަނަށް އިތުރަށް 43 ޖަނެރޭޓަރު އަލަށް ގަނެވި އެކި ރަށް ރަށުގައި އިންސްޓޯލްކޮށްފައިވާކަމަށާއި، މިއަހަރު މިހާތަނަށް ދިޔައިރު ޖަނެރޭޓަރ ޙާލަތު ރަނގަޅުކޮށް ޖަނެރޭޝަން ކެޕޭސިޓީ އިތުރު ކޮށްފައިވާކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
ވަރަށް ގިނަ ރަށް ރަށެއްގެ ޙާލަތު އަހަރު ފެށުނުއިރު ހުރި ވަރަށް ވުރެއް ރަނގަޅު ކޮށްފައިވާކަމަށާއި، މިހާރު ވެސް ޖަނެރޭޓަރުތައް އިތުރަށް އޯވަރ ހޯލް ކުރުމާ ބޭނުންވާ ސްޕެއަރ ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި، މި އަހަރު އަލަށް ގަތުމަށް ކަނޑައަޅާފައި ހުރި ޖަނެރޭޓަރުތައްވެސް ގެނައުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި، ދާއިމީ ގޮތެއްގައި މިކަންތައްތައް ރަނގަޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކައިން ވިދާޅުވެއެވެ.




