ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ ގޮތަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ ފެސިލިޓީއެއް ހަމަޖައްސައިދިނުމަށް މެލޭޝިޔާގެ މަރުކަޒީ ބޭންކް، ބޭންކް ނެގާރާ މެލޭޝިޔާ އިން އެއްބަސްވެއްޖެ އެވެ.
ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު މި ފެސިލިޓީގެ މައުލޫމާތު މިއަދު ރަސްމީކޮށް ހާމަކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ކުރިއަށް ގެންދެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވެވި ގުޅިފައިވާ ބަޔާނުގައެވެ.
ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ މަރުކަޒީ ބޭންކަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުއިއްޒު ރަސްމީކޮށް ސިޓީފުޅަކުން އެދިވަޑައިގެންނެވި ކަމަށެވެ. ދިވެހި ސަރުކާރުގެ ހުށަހެޅުމަށް އިޖާބަދިނުމުގެ ގޮތުން 100 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދިނުމަށް މެލޭޝިޔާގެ މަރުކަޒީ ބޭންކުން މިހާރު ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ ދިވެހި ދައުލަތަށް ބޭނުންވާ މިފައިސާ ހަމަޖައްސައިދިނުމަށްޓަކައި ކަމާ ގުޅޭ އިދާރީ މަރުހަލާތައް ފުރިހަމަކުރުމަށްފަހު ދެ ގައުމުގެ މަރުކަޒީ ބޭންކުން ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށެވެ. މާލީ ބޮޑު އެހީއެއް ރާއްޖެއަށް ހަމަޖައްސައިދިނުމަށް ނިންމީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި ޒަމާންވީ އެކުވެރިކަމަށް ބެލުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.
ދެ ގައުމުގެ ސަރުކާރުންވެސް ދެކޭ ގޮތުގައި މެލޭޝިޔާގެ މާލީ އެހީތެރިކަން ވެގެންދާނީ ރާއްޖޭގެ މާލީ ހަމަޖެހުމަށާއި، ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް ލިބިގެންދާ ބޮޑު އެހީތެރިކަމަކަށެވެ.
ދިވެހި ސަރުކާރުން މީގެކުރިން އިންޑިއާ އިން ވެސް މިފަދަ ފައިނޭންސް ފެސިލިޓީތައް ހޯދާފައިވެ އެވެ.




