ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް މިނިވަން ކޮމިޝަނެއް

ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުނ ްވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފައްދަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ އިހްތިޔާރުގެ ތެރެއިން ނެރުއްވި ގަރާރުގެ ދަށުން އުފެއްދެވި ކޮމިޝަންގައި ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަހްމަދު މުހައްމަދުގެ އިތުރުން މަޝްހޫރު ކަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު ހަބީބު އެވެ.

ކޮމިޝަންގެ ރައީސަކަށް، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ ޑރ. މުނައްވަރު އެވެ.

 

ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތައް:

  • ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
  • ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައްޔާއި ތަޙުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
  • ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
  • ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
  • ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫންވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
  • ކޮމިޝަނުން ބަލައި މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުގީގެއް ކޮށްފައިވާނަމަ، އެ ތަޙުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫންވެސް މައުލޫމާތު ހޯދުން.

 

ރައީސް ގަރާރުގައިވާ ގޮތުން ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް އެމަނިކުފާނު ކަނޑައެޅުމާ ހަމައަށް މި ކޮމިޝަން ދެމިއޮންނާނެ އެވެ.

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އެންމެ ބޮޑު އެއް ހުށަހެޅުމަކީ ޔުމްނު ވެއްޓުނު ހާދިސާ މިނިވަންކަމާ އެކު ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އުފެއްދުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *