ކެމްބޯޑިއާ އިން ކަނޑުމަގުން ރާއްޖެ ގެނައި މުދާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ޔޫރަޕަށް ފޮނުވައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދިން ގޮތުގައި ކެމްބޯޑިއާ އިން ގެނައި މުދާ ފޮނުވީ ފްރާންސްގެ ލީލް އަށެވެ.
އެމްއޭސީއެލް ބުނީ މިއީ ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ޚިދުމަތް ފުޅާވެ ކުރިއެރުން ލިބެމުންދާކަން އަންގައިދޭ ކަމެއް ކަމަށެވެ.
ސީ-ޓު-އެއާގެ ހިދުމަތް ކުރިން އާންމުކޮށް ދެމުންދިޔައީ ބަންގްލަދޭޝް އިންޑިއާ އަދި ސްރީލަންކާ އަށެވެ. އެކަމަކު ކެމްބޯޑިއާގެ މުދާ ޔޫރަޕަށް ފޮނުވަން ފުރުސަތު ލިބުމަކީ އާ ބާޒާރުތައް ލިބޭކަން ބުނެދޭ ކަމެއް ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.
ސީ-ޓު-އެއާގެ ހިދުމަތް ފުޅާވަމުން ދިއުމަކީ އިންޑިއާ ކަނޑުގެ މުހިއްމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވީއައިއޭގެ ދައުރު ވަރުގަދަވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.




