އްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސައުދި އަރަބިއްޔާގެ ސަރުކާރުން ނިންމައިފި އެވެ.
މައްކާ ރޫޓްގައި ރާއްޖެ ހިމަނައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ސައުދީ ސަރުކާރުގައި ރަސްމީކޮށް އެދިފައިވަނީ މީގެ ދެ މަަސްކުރިނެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. އޭރުން ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި އަވަހަށް ހޮޓަލަށް ދެވޭނެ އެެވެ. ހައްޖުވެރިން ހޮޓަލަށް ދާއިރު ލަގެޖުތައްވެސް ހޮޓެލަށް ގެންގޮސްދޭނެ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަކީ ރާއްޖޭގެ ހައްޖުވެރިންނަށް ލިބިގެންދިޔަ ތާރީހީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
"ރާއްޖެއަށް މި ފުރުސަތު ލިބިގެން ދިޔުމަކީ ސައޫދީ އަރަބިއްޔާ އިން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއް. މި ފުރުސަތުގައި ސައުދީގެ ރަސްގެފާނާއި ހައްޖު މިނިސްޓަރާއި އިންޓީރިއާ މިނިސްޓަރަށް ޝުކުރު އަރިސްކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި މިހާތަނަށް ހިމަނާފައިވަނީ ރާއްޖޭގެ އިތުރުން މެލޭޝިއާ، އިންޑޮނޭޝިއާ، ޕާކިސްތާން ފަދަ ހައްޖުވެރިން އެންމެ ގިނަ ގައުމުތަކެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ ހައްޖާއި އުމްރާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައިދިނުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.




