މ. ނާލާފުށްޓާއި މުލީ ގުޅުވާލުމަށް ހަދާ ކޯޒްވޭގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މުލީގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއު ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެއް ފަޅެއްގެ ތެރޭގައި އޮންނަ ނާލާފުށްޓާއި މުލީ ގުޅުވާލުމަށް 565 މީޓަރުގެ ކޯޒްވޭއެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓް 30، 2023 ގައެވެ.
ކޯޒްވޭގެ މަސައްކަތް އެއްކޮށް ނިމޭއިރު ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއްވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.
ދައުލަތުގެ ބަޖެޓުން 125.5 މިލިއަން ރުފިޔާ ހަރަދުކުރާ މިމަޝްރޫއުގައި ކޯޒްވޭގެ މަގުތައް ހަދައި ތާރުއެޅުމުގެ މަސައްކަތްވެސްކުރާނެ އެވެ. އަދި 15 މީޓަރުގެ ގްރޮއިން ޖަހައި 112 މީޓަރުގެ ރިވެޓްމަންޓް ހަދާނެ އެވެ.
ރައީސް މިއަދު ވަނީ މުލީ އެއާޕޯޓްވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފަ އެވެ.




