އިޔާދަކުރަނިވި ހަކަތައިން ހިންގާ ސިޓީއެއް އުފެއްދެވުމުގެ ހިޔާލު ހުށަހަޅުއްވައިފި

ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިން ހިންގާ، ތިމާވެއްޓާ ރައްޓެހި ސިޓީއެއް އުފެއްދެވުމުގެ ހިޔާލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރުގެ ސަރުކާރަށް ހުށަހަޅުއްވައިފި އެވެ.

ރައީސް މުއިއްޒު މިފަދަ ހިޔާލެއް ހުށަހެޅުއްވީ ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ހައިކޮމިޝަނާ ސޫ ކޮކް ލެން، ރައީސްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިޔަފާރިއާއި، އިގްތިސާދާއި، ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ހިތްވަރު ދެއްވައި އެކަމުގައި އެހީތެރިވުމަށް ރައީސް ހުށަހެޅުއްވި ކަމަށެވެ. ބޯހިޔާވަހިކަމުގެ ސިނާއަތުގައި ސިންގަޕޫރު ސަރުކާރުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ރައީސް ވާހަކަދެއްކެވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިން ހިންގާ، ތިމާވެއްޓާ ރައްޓެހި ސިޓީއެއް އުފެއްދެވުމުގެ ހިޔާލެއް ރައީސް މުއިއްޒު، ސިންގަޕޫރުގެ ސަރުކާރަށް ހުށަހެޅުއްވި ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުންތައް ހަރުދަނާކުރުމާއި، ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައި އިސްތިރާޖީ އެއްބާރުލުން އިތުރުކޮށް، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އަދި މަތީ ތައުލީމާއި، ސިއްހީ ހިދުމަތާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު މަޝްވަރާތަކެއް ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *