ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމް ޑީ ޝައިދުލް ސޮރްކާރ (27އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ އިރުއޮއްސި 6:50 ހާއިރު އެވެ.
ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުގެ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު އޭނާއާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަހުގެ ތެރެއިން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 12 ފުޅި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.




