ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ހޯދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ވަނީ މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާޓްމަންޓްތަކުން ކުރާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ މަހު ރިކަވާ ކުރެވުނު މުދަލުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.
އެ ގޮތުން އަނބުރާ ހޯދި 69 ސައިކަލުގެ ޖުމްލަ އަގު 3.3 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން 26 މައްސަލައެއްގައި ހިމެނޭ ޖުމްލަ 406،098 ރުފިޔާ އާއި 29 މޯބައިލް ފޯނު އަނބުރާ ހޯދާފައިވާއިރު ފޯނުތަކުގެ ޖުމްލަ އަގު 202،375 ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން 80،400 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނާއި 110،263 ރުފިޔާގެ އެހެނިހެން ތަކެތި ވަނީ ހޯދާފަ އެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ މަހު 45،380 ތަނެއް ޗެކްކޮށްފައިވެ އެވެ. މީގެ އިތުރުން 5،015 މީހުން ހުއްޓުވައި ސުވާލު ކުރެވުނުއިރު މީގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް 4،833 މީހުން ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.




