ގދ. ތިނަދޫގައި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީއެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 1:50 ހާއިރު ތިނަދޫ ފެރީ ޓާމިނަލްގެ ޖެޓީއަށް ލޯންޗު ކައިރި ކުރަން އުޅުމުގެ ތެރޭގައެވެ.
އެކްސިޑެންޓް ހިނގި ވަގުތު އެ ލޯންޗުގައި ކެޕްޓަނާއި ފަޅުވެރިޔަކާއި ފަސިންޖަރުންގެ ގޮތުގައި ތިން އަންހެނަކާއި އެއް އަހަރުގެ ކުއްޖަކު އިނެވެ.
މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި އެކްސިޑެންޓްގައި ދެ ފަސިންޖަރަކަށާއި ކެޕްޓަނާ އަދި ފަޅުވެރިޔާއަށްވެސް އަނިޔާ ލިބުނު ކަމަށެވެ.
އަނިޔާވީ ދެ ފިރިހެނުންގެ ތެރެއިން ކެޕްޓަނަކީ 50 އަހަރުގެ މީހެކެވެ. ފަޅުވެރިޔާ އަކީ 29 އަހަރުގެ މީހެކެވެ. އަނިޔާވި ދެ ޕެސެންޖަރުންނަކީ ދެ އަންހެނުންނެވެ. އެއީ 25 އަހަރުގެ އަންހެނަކާއި 28 އަހަރުގެ އަންހެނެކެވެ.
އަނިޔާވި މީހުންނަށް ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން ދިޔަ ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ އެއްވެސް މައުލޫމާތެއް އެނގިފައެއް ނުވެ އެވެ.
އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.




