ސަހަރާގައި ކުޅިވަރުކުޅޭ ތަންތަން ހެދުން ހުއްދައެއް ނޫން: ފަތުވާ މަޖިލިސް

ކުރީގެ ފަތުވާ ބަދަލުކޮށް، ގަބުރުސްތާންތަކުގައި ކުޅިވަރުކުޅޭ ތަންތަން ހެދުން ހުއްދަ ނޫން ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ.

ފަތުވާ މަޖިލީހުން މިގޮތަށް ނިންމީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ނަމަވެސް އެ ނިންމުން އާންމުކުރީ މިއަދު އެވެ.

ފަތުވާގައި ބުނީ އިސްލާމްދީންވަނީ އާދަމްގެފާނުންގެ ދަރިން، އެކަލާނގެ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރި ކުރައްވާފަ ކަމަށެވެ.

އަލްއިސްރާއު ސޫރަތުގެ 70 ވަނަ އާޔަތާ ހަވާލާދީ ފަތުވާގައި ބުނީ މާތްﷲ އާދަމްގެފާނުގެ ދަރީން މާތްކުރައްވާ މާތްﷲ ހެއްދެވި ތަކެތީގެ ތެރެއިން ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތް ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން މުސްލިމަކީ އަނެއް މުސްލިމާގެ އަޅެއް ކަމަށާއި އޭނާ، އޭނާގެ އަޚާއަށް އެއްވެސް ސިފައެއްގައި އަނިޔާވެރި ނުވާނެ ކަމަށާއި އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި އޭނާގެ އަޚާ ދޫކޮށް ނުލާނެ ކަމަށާއި ދެރަކޮށް ނުލާނެ ކަމަށް ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم ގެ ހަދީޘްކުރައްވާފައިވާ ކަމަށް ފަތުވާގައިވެ އެވެ.

"މިމަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާ ކަމެއް ނޫނެވެ. ކިއެއްތަ މަރުވުމަށްފަހުވެސް މި ދެންނެވި އިހުތިރާމު ދެމި އޮވެ އެވެ." ފަތުވާގައިވެ އެވެ.

ފަތުވާ މަޖިލީހުން ބުނީ އެކަމާ ގުޅޭ ހަދީޡެއް އައިޝަތުގެފާނުންގެ އަރިހުން ރިވާވެފައިވާ ކަމަށެވެ.

"ޢާއިޝަތުގެފާނުންގެ އަރިހުން ރިވާވެފައި ވެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "މައްޔިތެއްގެ ކަށި ބިންދުމަކީ، އެ މީހާ ދިރިހުރިއިރު އޭނާގެ ކަށި ބިންދުން ފަދަ ކަމެކެވެ." ފަތުވާ މަޖިލީހުން ބުނެފައިވެ އެވެ.

ފަތުވާ މަޖިލީހުން ބުނީ މިއީ އިސްލާމީ ޝަރީއަތުގައި ގިނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދަ ނުވާނެ ކަމަށް ފަތުވާ މަޖިލީހުން ވަނީ ބުނެފަ އެވެ.

ފަތުވާ މަޖިލީހުން މި ފަތުވާ ނެރުނުއިރު މާލޭގައި ހުންނަ މާފަންނު ސަރަހާގައި ހުރި ގަބުރުތައް ވަނީ ނަގާފަ އެވެ. އަދި އެތަނުގައި ޕާކެއްގެ އިތުރު ބާސްކެޓް ކޯޓަކާއި ސައިކަލު ޕާކްކުރާނެ ޒޯނެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *