މިއަދު އަވަހާރަވި ރާއްޖޭގެ މަޝްހޫރު ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް، ޑރ. އިބްރާހީމް މުޞްޠަފާ އަކީ ރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުމަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ވަނީ މަރުޙޫމްގެ ޢާއިލާއަށް ލިބުނު ފުން ހިތާމައިގައި ތަޢުޒިޔާ ފޮނުއްވައި، މަރުޙޫމް އިބްރާހީމް މުޞްޠަފާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް، މާތްﷲ މިންވަރު ކުރެއްވުން އެދި ދުޢާކުރައްވައިފައެވެ.
ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކުގައި މަސައްކަތްކުރައްވައި ސިއްޙީ ގިނަ ދިރާސާތަކެއް ހައްދަވާފައިވާ، ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުޞްޠަފާ އަވަހާރަވީ، ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު، އިންޑިއާގެ ކޮޗިންގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.
ޑރ. މުޞްޠަފާ ވަނީ ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިން، ކެނެޑާގެ، ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާ އިން ޕީއެޗްޑީ ހައްދަވައިފައެވެ. އޭނާ ވަނީ ތެލަސީމިއާ ދާއިރާއާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް ހައްދަވައިފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދިރާސާއަކީ ލޭ އަޅަން ޖެހޭ ބައެއް ތެލަސީމިއާ ކުދިން ބޭހެއް ކައިގެން ލޭ ނާޅާ އުޅެވިދާނެކަން ސާބިތުކޮށްދިން، "އަޔަން ކެލޭޝަން ތެރަޕީ" އާ ބެހޭ ރިސާޗެވެ.




