ފޮޓޯތަކެއް ހުރި ކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިން ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މި ލިންކުތައް އަންނަނީ އިތުބާރު ކުރެވޭ ފަރާތަކުން ފޮނުވާ މެސެޖެއްގެ ގޮތުގައެވެ. އެ މެސެޖުގައިވާ ލިންކަށް ފިތާލުމުން ފޯނު ނަންބަރު ޖެހުމަށް ބުނެ އެވެ. އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށްވެސް އެދެ އެވެ.
އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދެ އެވެ. އަދި ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ޕިޝިން ލިންކު ފޮނުވޭ ގޮތް ވެއެވެ.
ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިން ލިންކު ސްކޭމްގެ ޝިކާރައަކަށްވެ އެކައުންޓް ހެކްކޮށްފިނަމަ، ޓެލެގްރާމް އެޕްލިކޭޝަން އަވަހަށް އަންއިންސްޓޯލް ކުރުން މުހިއްމެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރުން ރަނގަޅެވެ.
ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެ ގޮތް:
ޓެލެގްރާމް ސެޓިން
ޕްރައިވަސީ އެންޑް ސެކިއުރިޓީ
ޓޫ-ސްޓެޕް ވެރިފިކޭޝަން
ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން
ރިކަވަރީ އީމެއިލް އެޑްކުރުން
އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވި ކަމުގައިވިޔަސް އެކަަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ. އެފަދަ ލިންކުތަކަށް ނުފިތުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.




