ހުޅުމާލޭގައި މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބަގީޗާ ހިނގުމުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހުރަހަކުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.
އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 2:14 ހާއިރު އެވެ.
އެކްސިޑެންޓާ ގުޅިގެން އަނިޔާވީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނަކެވެ.
އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ސައިކަލް ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ބަންގުލަދޭޝްގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.




