އަބްދުއްރަހްމާންގެ ހަށިގަނޑު މާލެއަށް ފޮނުވާލައިފި

އއ. މާޅޮހުގައި ބަޔަކު އަނިޔާކުރުމާ ގުޅިގެން މަރުވި އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް މާލެއަށް ފުރުވާލައިފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންދިޔަކަމުގެ މައުލޫމާތު ލިބުނީ ރޭ 1:50 ހާއިރު އެވެ.

އަބްދުއްރަހްމާން މަރަށް ތެޅެމުން ދަނިކޮށް ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމް އަށެވެ.

މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އަބްދުއްރަހްމާން ވަނީ ރޭ ފަތިހުގެ ވަގުތެއްގައި މަރުވެފަ އެވެ.

އަބްދުއްރަހްމާން މަރުވި ސީދާ ސަބަބެއް އަދި މިހާތަނަށް ސާފުވެފައި ނުވާތީ މަރުގެ ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ ވަނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފަ އެވެ. އެކަމަކު އާއިލާ އިން އެކަމަށް އެއްބަސް ނުވާ ކަމަށް އެނގިފައިވެ އެވެ.

މަރުގެ މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެ ރަށު މީހުން އަދި އެއްވެސް މީހަކަށް ތުހުމަތެއްވެސް ނުކުރެ އެވެ.

އަބްދުއްރަހްމާން އާއި ނާޒިމާ އެއް ގެއެއްގައި ދިރިއުޅުނު ނަމަވެސް ރޭ ނިދާފައި ތިބީ ދެ ކޮޓަރިއެއްގައި ކަމަށްވެ އެވެ. އަދި މި ދެމަފިރިންގެ ކުދިން ދިރިއުޅެނީ މާލޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *