ޒައިދާންގެ ދެމަފިރިން ދޫކޮށްލައިފި

ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ހައްޔަރުކުރި ދެމަފިރިން ކަމަށްވާ ގ. ސިނަމާލެ 1 05-13، ޒައިދާން މުހައްމަދު ހާޝިމް (28އ) އާއި ބަންގްލަދޭޝްގެ އަފްރިން އަކްތަރު (30އ) ބަންދުން ދޫކޮށްލައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކުރީ މިދިޔަ ޖޫން 17 ވަނަ ދުވަހު އެވެ.

ޒައިދާންއަކީ މީގެ ކުރިންވެސް ސްކޭމް މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

ފުލުހުން މިއަދު ބުނީ ސައްހަ ނޫން ޓްރާންސްފަ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ގެއްލުންވި 80،000 އަށް ވުރެ ގިނަ ރުފިޔާ އަނބުރައި އޭގެ ވެރިފަރާތަށް ހޯދައި ދިނުމަށް ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން އެ ފައިސާ ހޯދައިދެވިފައިވާ ކަމަށެވެ.

މި ފައިސާއަކީ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ފިހާރަތަކުން ނަގާފައިވާ މުދަލަށްވާ ފައިސާ އެވެ.

ފުލުހުން ބުނީ މި މައްސަލައަކީ މި އަހަރުގެ މެއި މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ ކަމަށް، މެއި 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިބެލުމުން މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް އެކި ފިހާރަތަކުށް، ބޭންކު ޓްރާންސްފަ ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ ޒައިދާން ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާ ކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ބުންޏެވެ. އަދި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރިއިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށްވެސް ބުންޏެވެ.

ޒައިދާންއާއި އަފްރިން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒައިދާން 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ. މައްސަލައިގެ ތަހުގީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *