މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ކުރިމަތީގައި އޮންނަ ޕާކިން ޒޯންތަކުގައި ޕާކްކުރުން ވަގުތީ ގޮތުން މަނާކުރަން ނިންމައިފި އެވެ.
އެމްއޭސީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވީއައިއޭގެ އާ ޓާމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާތީ އެ ރަސްމިއްޔާތަށް ވަމުންދާ ތައްޔާރީތަކާ ގުޅިގެން ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިނިންމުމާ ގުޅިގެން އިރުމަތީ ފަރާތު ޕާކިން ޒޯންގައި މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަތަރު ފުރޮޅުލީ އުޅަދުތައް ޕާކުކުރުން މަނާވާނެ އެވެ. އެ ދުވަހުގެ ކުރިން އެ ޕާކިން ޒޯނުގައި ޕާކުކޮށްފައިވާ ހަތަރުފުރޮޅުލީ އުޅަނދުތައް އެ ތަނުން ނެގުމަށްވެސް ވަނީ އެދިފަ އެވެ.
އެމްއޭސީއެލް އިން ބުނީ ހުޅަނގު ފަރާތު ޕާކިން ޒޯންގައި މިމަހުގެ 17 ވަނަ ދުވަހުގެ އިރުއޮއްސި 6:00ގެ ފަހުން އެއްވެސް އެއްގަމު އުޅަނދެއް ޕާކުކުރުން މަނާ ވާނެ ކަމަށެވެ.
އެ ތާރީހަށްފަހު ފުލުހުންނާއި ގުޅިގެން އެ ޕާކިން ޒޯންތަކުން އުޅަނދުތައް ހުސްކުރާނެ ކަމަށާއި އަދި ޕާކިން ޒޯނުތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށްވެސް ބުންޏެވެ.




