ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު، އޭނާގެ ހަގު އަނބިކަނބަލުން އައިމިނަތު ޒާރާ ވަރިކުރައްވައިފި އެވެ.
މި ދެ ބޭފުޅުންގެ ކައިވެނި ރޫޅާލާފައިވާ ކަމަށް ސިޔާމުގެ އަރިސް ބޭފުޅެއް ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ސިޔާމާއި ޒާރާ ކައިވެނި ބައްލަވައިގަތީ ދެ ބޭފުޅުންވެސް ލޯބި ވެގެން ކަމަށެވެ. އަދި އެ ދެ ބޭފުޅުން ކައިވެނި ރޫޅާލާފައި ވަނީވެސް ރީތި ގޮތުގައި މަޝްވަރާކުރެއްވުމަށްފަހު ސުލްހަވެރިކަމާއެކު ސުލްހަވެރި މާހައުލެއްގައި ކަމަށެވެ.
"ސިޔާމް މުހައްމަދަކީ އެއްވެސް ބޭފުޅަކާ މެދު ބޭއިންސާފުން ކަންކުރައްވާނެ ބޭފުޅެއް ނޫން. އަދި އެއްވެސް ބޭފުޅަކާ މެދު ނިކަމެތިކޮށް ކަންކުރައްވާނެ ބޭފުޅެއްވެސް ނޫން. ކޮންމެ ބޭފުޅަކާ މެދުވެސް ކަންކަން ކުރައްވާނީ ލޯބިން އަދި އޯގާތެރިކަމާއެކު. ކައިވެނި ކުރައްވާ ކޮންމެ ދެމަފިރިއަކު މުޅިއުމުރު އެކަކުގައި ނޫޅެވުމަކީ މައްސަލައެއް ނޫން،" އައްބާސް ވިދާޅުވި އެވެ.
ސިޔާމު، ޒާރާ ވަރިކުރެއްވި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ސިޔާމައި ޒާރާ ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު 10 ވަނަ ދުވަހު އެވެ.
ކައިވެނީގެ އުފަލުގައި ސިޔާމުގެ ރިސޯޓެއްގައި އަދި ކަމަދޫގައި ބޮޑު ހަރަދުކޮށްގެން ކުލަ ގަދަ ޕާޓީތަކެއްވެސް ބޭއްވި އެވެ.
ޒާރާ މުޅި ރާއްޖެއަށް މަޝްހޫރު ވެގެން ދިޔައީ މިދިޔަ އަހަރުގެ ބޮޑު އީދުގައި ކަމަދޫގައި ބޭއްވި ނެށުމުގެ ހަރަކާތްތަކުންނެވެ.




