ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު 64،000 އަށްވުރެ ގިނަ އެނދު ބޭނުންކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު ހިންގަމުންދާ 1،228 ތަނެއްގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 64،401 އެވެ.
މީގެ ތެރޭގައި 175 ރިސޯޓުގައި ހުރި 44،047 އެނދާއި، 878 ގެސްޓުހައުސްގައި ހުރި 14،882 އެނދާއި، 159 ސަފާރީގައި ހުރި 3،162 އެނދުގެ އިތުރުން 16 ހޮޓެލްގައި ހުރި 2،310 އެނދު ހިމެނެ އެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް 1،271 ތަނެއް ދިޔައީ ބޭނުންކުރަމުންނެވެ. މި ތަންތަނުގައި ހުރި އެނދުގެ އަދަދަކީ 63،248 އެވެ.
ރާއްޖެއަށް އިއްޔެގެ ނިޔަލަށް ޖުމްލަ 1.18 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 72.7 ޕަސެންޓް — 860،970 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ.
ގެސްޓްހައުސްތަކުގައި 264،348 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 32،441 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 25،783 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.




