ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މާދަމާ އިން ފެށިގެން މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހަށް މޫސުން ގޯސްވާނެ ކަމަށެވެ.
ކުރިއަށް އޮތް ހަތަރު ދުވަހު ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
މޫސުން ގޯސްވާތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.




