ޕޯސްޓްމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާއަށް ގެންދަނީ

އއ. މާޅޮހުގައި ބަޔަކު އަނިޔާކުރުމާ ގުޅިގެން މަރުވި އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް މިމަހުގެ 21 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އަބްދުއްރަހްމާން މަރަށް ތެޅެމުން ދަނިކޮށް ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމް އަށެވެ.

ފުލުހުން މިއަދު ބުނީ ޕޯސްޓްމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު މިމަހުގެ 21 ވަނަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަބްދުއްރަހްމާން މަރުވި ސީދާ ސަބަބެއް އަދި ސާފުވެފައި ނުވާތީ މަރުގެ ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފަ އެވެ. އެކަމަކު އާއިލާ އިން އެކަމަށް އެއްބަސް ނުވާ ކަމަށް އެނގިފައިވެ އެވެ.

މަރުގެ މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެ ރަށު މީހުން އަދި އެއްވެސް މީހަކަށް ތުހުމަތެއްވެސް ނުކުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *