ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ރިޔާސަތުގައި، ދެ ގައުމުން ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވައިފި އެވެ.
ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެން ކުރިއަށް ގެންދިޔަ މި މަޝްވަރާތައް ބާއްވަވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހު ގައެވެ.
މިމަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަވަށްޓެރި ދެ ގައުމުގެ ދެމެދުގައިވާ 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް ވާހަކަދައްކަވާފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނާ ސްރީލަންކާގެ ރައްޔިތުންނާ ދެމެދު އޮންނަ ބަދަހި ގުޅުން ފާހަގަކުރައްވައި، ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ ރައްޔިތުންގެ ފަރާތުން ރާއްޖޭގެ ތަރައްގީގައި މުހިއްމު ހިއްސާއެއް އަދާކުރައްވާ ކަމަށް ވިދާޅުވި އެވެ.
ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ނިންމަވާލައްވާފައިވަނީ ގާބިލްކަން އިތުރުކުރުމާއި، ތައުލީމީ ދާއިރާ އާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ކާނާގެ ރައްކާތެރިކަމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ވައިގެ ގުޅުންތައް ހަރުދަނާ ކުރުމުގެ އިތުރުން ކުޅިވަރާއި ޒުވާނުންގެ ތަރައްގީ ހިމެނޭހެން ދެ ގައުމުގެ މެދުގައި ގުޅުންތައް ހަރުދަނާ ކުރެވިގެންދާނޭ ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ދެ ބޭފުޅުންވެސް އިއްތިފާގުވެ ވަޑައިގަންނަވަމުންނެވެ.




