ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ (25އ) އެވެ.
އޭނާ ހައްޔަރުކުރީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފުލުހުން ވަނީ އޭނާގެ ފޯނުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މަސީހް ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 10 ދުވަސް ދީފަ އެވެ.
ސޯޝަލް މީޑިއާގައި އޭނާ ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް އެ މަނިކުފާނު ބޭނުންފުޅުވާކަން ހާމަކުރެއްވުމުންނެވެ.
ރައީސް ޑރ. މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ. އެގޮތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައިވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކުގައި ވަނީ ދަންނަވާފައި ކަމަށްވެސް ވިދާޅުވި އެވެ.




