ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ލަންކާގެ ރައްޔިތުންނާ ކައިވެނި ކޮށްގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މެޑިކަލް ވިސާ ދޫކުރަން ނިންމާ އެގޮތަށް އަމަލުކުރަން ފަށައިފި އެވެ.
ލަންކާ ސަރުކާރުގެ ނިންމުމަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަނީ އަމަލުކުރަމުންނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާއިރު މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ކުރިން ދިމާވި ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ވަނީ ވިސާއަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ސެކިއުރިޓީ ކްލިއަރެންސަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިލްތިމާސްކޮށްފަ އެވެ. ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި މައްސަލައެއް އޮތް ނަމަ ވިސާ ބާތިލްވުން ފަދަ ކަމެއް ދިމާވެދާނެތީ އެކަމަށް ސަމާލުވުމަށް ލަންކާ ސަރުކާރުން އެދޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ސްރީލަންކާ މީހުންނަށްވެސް ރާއްޖެއިން 90 ދުވަހުގެ އޮންއެރައިވަލް ވިސާ ދަނީ ހަމަޖައްސައިދެމުންނެވެ.
ރާއްޖެއާއި ލަންކާގެ ރައްޔިތުންނަށް ވިސާ ދޫކުރުމުގައި ލުއިތަކެއް ލިބިފައި މިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސެނައިކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރެއްވި މަޝްވަރާތަކަށްފަހު އެވެ.
ސްރީލަންކާ އަކީ ދިވެހިން އެކި ބޭނުންތަކުގައި އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ.




