"ޕްރިންސް"އަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް: ޚަލީލް

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރެއްވި "ޕްރިންސް" ފަހަދް ސައުދު އަލްޝަލަން އަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

"ޕްރިންސް" ފަހަދް އާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ ފަހަދް އޭރު ރާއްޖެ ވަޑައިގަތީ ވިޔަފާރީގެ ދަތުރުފުޅެއްގައި އަމިއްލަ މަސައްކަތްތަކެއް ކުރެއްވުމަށް ކަމަށެވެ.

އެ ބައްދަލު ކުރެއްވުމުގައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އިން ބައިވެރިވެފައިނުވާތީ އެކަމާ ގުޅޭ ގޮތުން މެންބަރު ކުރެއްވި ސުވާލަށް ޖަވާބަށް ދެއްވަމުން ހަލީލް ވިދާލުވީ ރައީސް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގައި ބައިވެރިކުރާނެ ފަރާތްތައް ކަނޑައެޅުމުގެ އިހުތިޔާރު ރައީސަށް ލިބިވަޑައިގަންނަވާ ކަމަށެވެ.

"ތި ވިދާޅުވި ބޭފުޅަކު ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށްވާތީ އެއީ ސައުދީ އެމްބަސީއަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އިހުތިޔާރުން އެމަނިކުފާނު ކަނޑައަޅުއްވާ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެން އެ ބައްދަލުވުން ކުރިއަށް ގެންދިޔަކަން އަޅުގަނޑު ފާޙަގަކުރަން،" ހަލީލް ވިދާޅުވި އެވެ.

ޕްރިންސްގެ ދަތުރުފުޅުގެ ސަބަބަން ރާއްޖެ އާއި ސައުދީގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށްވެސް ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ހަލީލް މިހެން ވިދާޅުވި ނަމަވެސް ޕްރިންސް ފަހަދްއާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓްގައި އޭރު ޝާއިއުކުރި ހަބަރު ވަނީ އެ ވެބްސައިޓުން ފަހުން ނަގާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *