ސެޕްޓެމްބަރު މަހު މީރާއަށް ތިން ބިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ — މީރާއަށް މިދިޔަ ސެޕްޓެމްބަރު މަހު 3.01 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މިއީ ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް މީރާ އިން ލަފާކުރި އަދަދަށްވުރެ 33.7 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއަށް ލިބުނު އާމްދަނީ އިތުރުވީ ޖީއެސްޓީ، ޓީޖީއެސްޓީ، ޓޫރިޒަމްގެ ބިމު ކުލި، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އަދި އެއާޕޯޓް ޓެކްސްތަކާއި ފީތަކުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ މުޅި އާމްދަނީގެ 40.5 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނައިން ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 507 މިލިއަން ރުފިޔާ އެވެ.

މީގެއިތުރުން ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 404 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 204 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކްސްގެ ގޮތުގައި 199 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 195.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *