އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތުން މިހާތަނަށް 192 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށި ބަންކަރިންގެ ހިދުމަތުން މިހާތަނަށް 192 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯއިން ފޯރުކޮށްދީފައިވާ ތަފާސްހިސާބުތަކުން ހާމަވާ ކަމަށެވެ.
ޓެކްސްގެ ގޮތުގައި 17 މިލިއަން ރުފިޔާ ދައްކާފައިވާއިރު މީގެ ތެރެއިން 83 ޕަސެންޓަކީ ލޯސަލްފާ ފިއުލްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އެއީ މީގެ ކުރިން ރާއްޖެއަށް ގެނެސްގެން ބަންކާކުރި އެއްޗެއް ނޫން ކަމަށެވެ.
ތެލުގެ ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ފެންވަރުގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ ގުޅިގެން އެސްޓީއޯ އިން ބަންކަރިން ހިދުމަތް ފެށީ ދެ ބޯޓާ އެކުގަ އެވެ.
އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.




