އިކޮނޮމިކް މިނިސްޓްރީން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ތަކެތި އެސްޓީއޯ އިން ވިއްކަން ފަށައިފި އެވެ.
އަސާސީ ބާވްތަކުގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް 10 މޭވާ އާއި 10 ތަރުކާރީ އަދި އެހެނިހެން ތިން ބާވަތެއްގެ ކާބޯތަކެތި އިތުރުކޮށް އަސާސީ ކާބޯތަކެތީގެ ލިސްޓް އާންމުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
އަސާސީ ކާބޯތަކެއްޗަކީ އިންސާނުންގެ ހަށިގަނޑު ހެދިބޮޑުވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކޮންމެހެން ބޭނުންވާ މައިގަނޑު ކާބޯތަކެއްޗެވެ. މިއީ އިންސާނީ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ބައެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި މޭވާ
ދޮންކެޔޮ
އާފަލު
އޮރެންޖު
ލުނބޯ
ޖުމްހޫރީމޭވާ
އަނބު
ފަޅޯ
ކަރާ
މިރުސް
މޭބިސްކަދުރު
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި ތަރުކާރީ
ފިޔާ
އިނގުރު
ކެރެޓު
ބަށި
ކައްޓަލަ
އަލުވި
ކެބެޖު
ބަރަބޯ
ބޯވެލި
ލޮނުމެދު
އަސާސީ ކާބޯތަކެތީގެ ލިސްޓަށް ދެން އިތުރުކޮށްފައިވަނީ ރީނދޫ މުގާއި ކުކުޅު ބިހުގެ އިތުރުން ކާއްޓެވެ.
އެސްޓީއޯ އިން މިއަދު ބުނީ މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެ ކަމަށެވެ.
މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައި ވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށް ކަމަށާއި އަންނަ ބަދަލުތަކާއި އެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެންނާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
އެގޮތުން އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން އިތުރަށް ބުނީ ބާޒާރުގައި މި ކާބޯތަކެއްޗަށް އޮންނަ ޑިމާންޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާމެދު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި އެސްޓީއޯގެ އަމާޒަކީ ސިއްޙަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދުވެސް ރައްޔިތުންނަށް ލިބެން ހުރުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.




