ރާއްޖެއަށް މި އަހަރުގެ ޖެނުއަރީ އިން އޮގަސްޓް މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް ޓޫރިސްޓް ބެޑްނައިޓްސް — ފަތުރުވެރިން ހޭދަކުރި ރޭގެ އަދަދު ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއްޔެ އާންމުކުރި ސެޕްޓެމްބަރު މަހުގެ އިމޮކޮމިކް އަޕްޑޭޓަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ އިން އޮގަސްޓްގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ނުވަ ޕަސެންޓް އިތުރުވެފަ އެވެ.
ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް މި މުއްދަތުގައި ޖުމްލަ ބެޑްނައިޓްސް ވަނީ އެއް ޕަސެންޓް ދަށަށް ގޮސްފަ އެވެ.
އެ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ފަތުރުވެރިން އެވަރެޖްކޮށް ރާއްޖޭގައި 7.7 ދުވަސް ހޭދަކުރި ނަމަވެސް މިހާރު ހޭދަކުރަނީ 6.9 ދުވަސް ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެމްއެމްއޭގެ ރިޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހަށްވުރެ މި އަހަރުގެ އޮގަސްޓް މަހު ޓޫރިޒަމަށް 4،154 އެނދު އިތުރުވި އެވެ. ނަމަވެސް އޮކިއުޕެންސީ ރޭޓް ވަނީ 63 ޕަސެންޓުން 55 ޕަސެންޓަށް ވެއްޓިފަ އެވެ.




