ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަލްޓި-ކަރަންސީ ޑިޖިޓަލް ވޮލެޓް — ސްވައިޕް ތައާރަފްކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިއީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު އަދި ރައްކާތެރިކަމާއި އަވަސްކަމާއެކު މުއާމަލާތް ކުރެވޭނެ ޑިޖިޓަލް ވޮލެޓެކެވެ.
ސްވައިޕް އަކީ ދިވެހީންގެ 100 ޕަސެންޓް އުފެއްދުމެކެވެ.
ބީއެމްއެލް އިން ބުނީ މި ޑިޖިޓަލް ވޮލެޓަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއް ކަމަށާއި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށްވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބީމްއެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިއްމު ކުރިއެރުމެއް ކަމަށެވެ.
ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން، ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ހުރެގެން ވެސް ކިއުއާރް ކޯޑު މެދުވެރިކޮށް އަވަހަށް އަދި ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެ އެވެ. އެގޮތުން ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެ އެވެ. އަދި ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.
މީގެ އިތުރުން ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނޭގެނެ އެވެ. އަދި ހަމައެއާއެކު ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ޖަމާވެސް ކުރެވޭނެ އެވެ.
މި އަހަރުގެ ޑިސެންބަރު މަހު ސްވައިޕް ބީޓާ ޓެސްޓިންއަށް ހުޅުވާލުމަށްވެސް ބީއެމްއެލް އިން ނިންމާފައިވެ އެވެ.




