އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސައުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
މި ވަފުދުގައި ސައުދީގެ މިނިސްޓްރީގެ އޮފް އިންވެސްޓްމަންޓްގެ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދާއި ސަރުކާރުގެ ބައެއް އިސްވެރިންންގެ އިތުރުން އެގައުމުގެ އަމިއްލަ ބައެއް ކުންފުނިތަކުގެ ބޭފުޅުން ހިމެނެ އެވެ.
ރާއްޖޭގައި ހުންނަ ސައުދީގެ އެމްބަސީން ބުނި ގޮތުގައި މި ވަފުދުގެ ދަތުރުގައި ދެ ގައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓްތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ.
ސައުދީ އަރަބިއްޔާއިން އަންނަނީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތަރައްގީގެ މަޝްރޫއަށް ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ވަނީ ލޯނު އެހީދީފަ އެވެ.
ރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ މާޗް 17، 1981 ގައެވެ.




