ހާއްސަ ހާލަތްތަކެއްގައި ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް ލުއިތަކެއް ދިނުމަށް ޕެންޝަނާ ބެހޭ ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހެންވޭރުގެ ރައްޔިތުންނާ އެކު ކަލާފާން ސްކޫލުގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ނެގޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ޕެންޝަން ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅުއްވާނެ ކަމަށެވެ. ޕެންޝަން ފަންޑުގެ ބޭނުން ހިފޭގޮތަށް މިހާރުވެސް ބައެއް އިސްލާހުތައް ގެނެސްފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
"ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް އާދެ އެ ހާއްސަ ހާލަތްތައް އޭގައި ބަޔާންކުރެވޭނެ، އެހެންވީމަ މިހާރަށް ވުރެ ގިނަ ފުރުސަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު އެބަ ހުށަހަޅަން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތަކާ ގުޅޭ ތަފްސީލްތައް ރައީސް މުއިއްޒު ހިއްސާކުރައްވާފައެއް ނުވެ އެވެ.
ޕެންޝަން ފަންޑުން ޖަމާކުރާ ފައިސަ އެކި ބޭނުންތަކުގައި ބޭނުންކުރެވޭ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.




