ހުޅުމާލެ ފޭސް 2ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި އެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައި ދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ.

މި ރަސްމިއްޔާތުގައި ހުޅުމާލޭގައި ހިންގާ އެކި ސްޕޯޓްސް އެކަޑަމީތަކުންވެސް ވަނީ ބައިވެރިވެފަ އެވެ.

ރޭ ހުޅުވިގެންދިޔަ ކުޅިވަރު އެކުވެނިއާއެކު، ކުޅިވަރު ކުޅޭ ފަރާތްތަކަށް ކޯޓު/ދަނޑު ހޯދުމުގައި މިހާރު އޮތް ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެގޮތުން މި އެކުވެނީގައި، ބަށި ކޯޓާއި، ވޮލީ ކޯޓު، ބާސްކެޓް ކޯޓުގެ އިތުރުން ހޭންޑްބޯލް ކޯޓަކާއި ނެޓްބޯލް ކޯޓެއް ވަނީ ގާއިމުކޮށްފަ އެވެ.

މިތަން މިހާރު އާންމުންނަށް ހުޅުވާލައިފައިވާއިރު މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތެއްގައި ތިބުމަށްވެސް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލެއަކީ ހިތްފަސޭހަ އަދި، އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަކީ އެ ކޯޕަރޭޝަންގެ އަމާޒެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *