ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކުލާސްތައް ފަށައިފި

ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދާ ގުރުއާން ކްލާސްތައް މިއަދު ފަށައިފި އެވެ.

މިއީ ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެކެވެ.

ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ އެ ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވާލައި ރަޖިސްޓްރޭޝަން މަރުހަލާ މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެގޮތުން އުމުރނުް 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން އެ ކްލާސްތަކުގައި ވަނީ ބައިވެރިވެފަ އެވެ.

އެ ގުރުއާން ކްލާސްތައް މިއަދު ފަށާފައިވާއިރު، ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ކުދިން ވަކިން ސެޝަންތަކަކަށް ބަހާލައިގެން، ހުޅުމާލޭގެ އެކި މިސްކިތްތަކުގަ އެވެ.

ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ކިޔަވައިދިނުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި މިއީ ކީރިތި ގުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް އިތުރުކޮށް ފުޅާ ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެޗްޑީސީގެ އަމާޒު ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *