ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ގަތަރު އެއާވޭސްގެ ދަތުރުތައް މެދުކަނޑާލީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ ދޯހާ އާއި މާލެއާ ދެމެދު ގަތަރު އެއާވޭސްގެ ދަތުރުތައް އެޕްރީލް 8 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. އެ ގޮތުން ހަފުތާއަކު ފަސް ދަތުރު ބާއްވާއިރު އެޕްރީލް 15 އާ ހަމައަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ބުނެފައިވެ އެވެ.
އޭގެ ފަހުގެ ދަތުރުތަކުގެ ޝެޑިއިލް ފަހުން އިއުލާން ކުރުމަށް ނިންމާފައިވާއިރު ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ތާވަލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.
ގަތަރު އެއާވޭސްއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް އެއާލައިނެވެ. މި އަހަރު ދަތުރުތައް ހުއްޓާލުމާއި ހަމައަށް ގަތަރު އެއާވޭސް އިން 16،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.




