އަންނަ މަހު ބާއްވާ އިންތިހާބަށްފަހު ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ގޮތުން އިންތިހާބަށްފަހު ފިޔަވަޅު އަޅަން ނިންމާފައިނުވާ ކަމަށެވެ.
"އެކަހަލަ (އިންތިހާބަށްފަހު ފިޔަވަޅު އަޅަން) އެއްވެސް މަޝްވަރާއެއްވެސް ނުކުރަން އަދި އެގޮތަށް ނިންމާފައި އޮތް ކަމެއްވެސް ނޫން. ތި ލިބިވަޑައިގެންނެވި މައުލޫމާތަކީ ހަގީގީ މައުލޫމާތެއް ނޫން. އިންތިހާބު ނިމިގެން އަޅަން ބަހައްޓާފައި ހުރި ފިޔަވަޅެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ކޮންމެ ހަފުތާއަކު ހާމަކުރަމުންދާ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެންދާނަމަ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމުގެ މަޝްވަރާތައް ވަނީ ފަށާފަ އެވެ.
އެ ގޮތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ފިޔަވަޅު އެޅުން ކަމަށެވެ.




