ބޭސްފަރުވާއަށް ކުރި ހަރަދަށްވުރެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް ކުރި ހަރަދު އިތުރު ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި “ހޭވައްލާ ތައްޔާރު” ވެސްޓްޕާކު ކަންމަތީ ޖަލްސާގައި އާދަމް އާޒިމް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ތާރީހުގައި ބޭސްފަރުވާގެ ހަރަދަށްވުރެ ސިޔާސީ މުވައްޒަފުންގެ މުސާރަ ބޮޑުވި ފުރަތަމަ ފަހަރެވެ.
"ދިވެހިރާއްޖޭގެ މިއޮތް ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް ބޭސްފަރުވާއަށް ކުރި ހަރަދަށްވުރެ ގިނަ ހަރަދުކޮށްފި މި މީހުންގެ ސިޔާސީ މީހުންނަށް މުސާރަ ދޭން،" އާދަމް އާޒިމް ވިދާޅުވި އެވެ.
ސިޔާސީ މުވައްޒަފުންގެ މުސާރައަށް ބޮޑު ހޭދައެއް ކުރުމަށްފަހު ދިވެހިން އާސަންދަ އާއި ބޭސްފަރުވާއިން މަހުރޫމްކޮށް ސަރުކާރު ކެންޑިޑޭޓުން ވޯޓު ހޯދަން އައުމުން އެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ސަބަބަކީ ކޮބާތޯ އާދަމް އާޒިމް ވަނީ ސުވާލު އުފައްދަވާފަ އެވެ.
"މި މީހުންނަށް ވޯޓުދީފި ކަމަށްވާނަމަ އަޅުގަނޑުމެން ރައްޔިތުން ތި ބުނަނީ ތިމަންނަމެންނަށް އާސަންދަވެސް ބަރާބަރަށް ލިބެއޭ ތިމަންނަމެންނަށް ބޭސް ބަރާބަރަށް ލިބެއޭ، ތިމަންނަމެންނަށް ބިންވެސް ހިއްކާފައި ބިންވެސް ބަރާބަރަށް ދީފިއޭ،" އާދަމް އާޒިމް ވިދާޅުވި އެވެ.
އާދަމް އާޒިމް ވިދާޅުވީ މި ސަރުކާރަކީ ދޮގު ހަދާ ސަރުކާރެއް ކަމަށާއި މި ސަރުކާރަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ.




