ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް ދިން ފުރުސަތު އިތުރުކޮށްފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށް "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ މުއްދަތު، ގިނަ ވަޒީފާދޭ ފަރާތްތަކެއްގެ އެދުމުގެ މަތިން އިތުރުކޮށްފައިވާ ކަމަށެވެ.
އެ ގޮތުން މި ފުރުސަތު މެއި ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށާއި މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދަން ކުރިން ކަނޑައެޅީ އެޕްރީލް ދެވަނަ ދުވަހާ ހަމައަށެވެ.
މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ބިދޭސީންނަށެވެ.
މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒްވެވޭ ޝަރުތުތައް
ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވުން.
އެއްވެސް ސަބަބަކާހުރެ ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން.
ދިވެހިރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުން.
ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވޯކް ޕާމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށްނުވުން.
ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން.
އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން؛
މީގެ އިތުރުން ޑިސެމްބަރު 31، 2025 ގެ ކުރިން ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިވުން ހިމެނެ އެވެ.




