ރައީސް ޑރ. މުއިއްޒުގެ ހުށިޔާރުކަމުން އެމްޑީޕީން ނެގި 500 މިލިޔަންގެ ބިޔަ ދަރަނި ދައްކައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ސުކޫކަށް އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑާއި، ރިޒާވްގައި ރައްކާކޮށްފައި ހުރި ފައިސާ ބޭނުންކޮށްގެން އަދާކޮށް ހަލާސްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުކޫކުގެ ފައިދާގެ ގޮތުގައި ދައްކަަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ސަރުކާރުން ދައްކަައި ހަލާސްކޮށްފައިވާ ކަމަށެވެ. މިދަރަނި އަދާކުރެވުމާއެކު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު ދަށްވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ސުކޫކަކީ ކުރިން ސަރުކާރުން ނެގި 250 މިލިއަން ޑޮލރުގެ ސަނީ ސައިޑް ބޮންޑު އަދާކުރުމަށ 2021 ވަނަ އަހަރު އެއިރުގެ ސަރުކާރުން ވިއްކި ސުކޫކެކެވެ. މި ސުކޫކު ވިއްކީ އެއިރުގެ މާލީ ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ބޮޑު އަގެއްގައިކަން ފާހަގަކުރުމާއެކު ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެ ސުކޫކު ވިއްކީ އަނބުރާ އެ ފައިސާ ދެއްކޭނެ ހަރުދަނާ ސިޔާސަތެއްވެސް ނެތި ކަމަށެވެ.

އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ރައީސް ޑރ.މުއިއްޒުގެ ޒައާމަތުގައި، ރާއްޖޭގެ އިގުތިސާދާއި މާލިއްޔަތަށް ދަތިތަކެއް ކުރިމަތިނުވާނެ ގޮތުގައި އެ ފައިސާ އަނބުރާ ދެއްކުމަށް މުހިއްމު ފިޔަވަޅުތަކެއް ތަންފީޒުކުރަން ފެށުނުކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރިއެވެ.

އެގޮތުން އެޅި އެންމެ މުހިއްމު އެއް ފިޔަވަޅަކީ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ފައިސާ ޖަމާކުރަން ފެށުމެވެ. އެ ސިޔާސަތުގެ ދަށުން އެއާޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ރޭޓުވަނީ 2024 ވަނަ އަހަރު ބޮޑުކޮށްފައެވެ. އެ ބަދަލުގެނައީ އެއާޕޯޓު ބޭނުންކުރާ ދިވެހި ފަސިންޖަރުންނަށް އެކަމުން އަސަރުނުކުރާނެ ގޮތަށެވެ.

އެސްޑީއެފް ގައި ހުރި ފައިސާގެ އަދަދު 350 މިލިއަން ޑޮލަރަށް އިތުރުވިއެވެ. އަދި ރާއްޖޭގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްވަނީ މި އަހަރުގެ މާޗު މަސް ނިމުނުއިރު ރެކޯޑު މިންވަރަކަށް އިތުރުވެ 1.3 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ރިޒާވް އެންމެ ތިޔާނގިވި މިންވަރެވެ.

ސުކޫކުގެ ފައިސާ ދެއްކުމަށްފަހު މިހާރު ސަރުކާރުން އެންމެ ބޮޑަށް އިސްކަންދެނީ ރާއްޖެއަށް ބޭނުންވާއި ތެލާއި ބޭހާއި އެހެނިހެން އަސާސީ ހިދުމަތްތަކާއި މުދާ މެދުނުކެނޑި ރައްޔިތުންނށް ލިއްބައިދިނުމަށާއި، އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހިކުރުމަށް ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

" އެގޮތުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މިހާތަނަށް ކުރެވިފައިވާ މަސައްކަތުގެ ތެރެއިން، މިކަމަށް ބޭނުންވާ މާލީ އެހީތެރިކަން ދަނީ ހަމަޖެހެމުން. އަދި މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު ރޯލްއޯވަރކުރުމަށް އަބޫދާބީ ފަންޑާއެކު ކުރެވިފައިވާ މަސައްކަތްތައް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފަ،" ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ އިގުތިސާދީ މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މާލީ އަދި އިގުތިސާދީ އިސްތިގުރާރާއި ހަމަޖެހުން ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައިވެއެވެ. އަދި މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެވުޒާރާގެ އެންމެ ބޮޑު އަމާޒަަކީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަށްކުރެވޭނެ އަމާޒަށް މާލީ ކަންކަން ކުރިއަށްގެންދިއުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *